Ads 468x60px

Tuesday, October 15, 2013

ހަރީބޯގެ އާ ވައްތަރެއް

އަހަރެންގެ ފަޔަށް އޮޑީގެ ވަތަށް ވެއްޓި ވަރަށް ބޮޑު ވޭނެއް ލިބުނެވެ. އަހަރެންގެ ހިތް އެދިގޮވަމުން ދިޔައީ އަވަހަށް މާލެ ގޮސް ޑޮކްޓަރަށް ދައްކާލުމަށެވެ. އެހެންވެ އަހަރެން އަހަރެންގެ ބައްޕަޔާއެކީ ކާވިޔާ ބޯއްޓުން މާލެދާން ފުރީމެވެ. އަހަރެން މާލެ ދިޔަދުވަހު ޑޮކްޓަރަށް ފައި ދެއްކުމުގެ މަސައްކަތައިގެން މަސްއޫލްވީމެވެ. ނަތީޖާއެއްގެ ގޮތުން 3 ދުވަހުގެ ތެރޭގައި އަހަރެންގެ ފަޔަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ.
ދެން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައީ އަނބުރާ ރަށަށް ދިއުމަށެވެ. ރަށުގެ ހަލަބޮލި މާހައުލާއި އުފާވެރި ދުވަސްތަކުގެ މަތިން އަހަރެން ހަނދާންވިއެވެ. ހަމަ އެރޭ ބައްޕަ ކައިރީ ރޮއެ އާދޭސް ކުރީމެވެ. ރަށަށް ދިއުމަށްޓަކައެވެ. އަވަހަށް ފުރާނެ ބޯއްޓެއް ނެތުމުގެ ސަބަބުން ބައްޕަ ނިންމީ އަހަރެން ގޮވައިގެން މަތިން ދިއުމަށެވެ. އަހަރެންގެ ހުވަފެން ތަކުގައި ކުލަޖެހުނެވެ. އަހަރެން އަބަދުވެސް ބޭނުންވީ މަތިންދާބޯޓެއްގައި ދަތުރުކޮށްލުމަށެވެ. އަހަރެންގެ ހިތް ކެކިއުތުރި އަރަމުން ދިޔައީ މަތިންދާބޯޓުން އަހަރެންނަށް ލިބެމުންދިޔަ މެޓާތަކުގެ ސަބަބުންނެވެ. އޭގެތެރެއިންވެސް އަހަރެން އެންމެ އަޅާގަތީ ހުދުކުލައިގެ ޕެކެޓަކަށް ލާފައިއޮތް އެއްޗެއްގައެވެ. އަހަރެން އެއަށް ފިތާލީމެވެ. އަހަރެން ހަނދާންވީ ހަރީބޯގެ މަތިންނެވެ. އަހަރެން ހީކުރީ ހަރީބޯގެ އާ ވައްތަރެއް އުފެއްދީ ކަމަށެވެ. އޭތި މީރުކޮށް ދަހިކޮށް ކާލުމަށްޓަކައި ކަނާއަތު ޖީބަށް އަހަރެން އޭތި ލީމެވެ. ދިގު ރާސްތާއަކަށްފަހު ހަނިމާދޫއަށް ބޯޓުޖެއްސިއެވެ. ކުޑަ ލާންޗެއްގައި ދެން ދަތުރު ފެށީ ރަށަށް ދިއުމަށެވެ. ލާންޗުގައި ދަތުރު ކުރަމުން ދިޔައިރު ކުއްލިޔަކަށް އަހަރެން ހަނދާންވީ އަހަރެންގެ ޖީބަށްލީ ހަރީބޯގެ މަތިންނެވެ. އަހަރެން އޭތި ޖީބުންނަގާ ވަރަށް ދަހިވެތި ކަމުގެ ނަޒަރަކުން އެއަށް ބަލާލީމެވެ. ރަށަށް ދިއުމުގެ ކުރިން އޭތި ކަލާނަމޭ ހިތަށްއެރިއެވެ. އޭތި ކަނޑާލަން މާ އުނދަގުލަކު އުޅޭކަށް ނުޖެހުނެވެ. އޭތި ކަނޑާލުމަށްފަހު އެތެރޭގައި އޮތް އެތި ނެގީމެވެ. އަހަރެންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ ހަރީބޯގެ ވައްތަރެކެވެ. އަހަރެން ވަރަށް ދަހިވެތި ކަމާއެކު އޭގާ ދަތްއެޅީމެވެ. އޭތީގައި ދަތްލާގެން ދަމާދަމާ އަހަރެންގެ ދަތްތަކުގެ ވަރު ދޫވާން ފެށިކަހަލައެވެ. އެވަގުތު އަހަރެންގެ ބައްޕައަށް ގޮވާލާ މިއެއް ނުކެވުނޭ ބުނީމެވެ. ލާންޗުގައި ތިބި އެންމެން އަހަރެންނާ ދިމާއަށް ބަލާފައި ހޭންފެށިއެވެ. ބައްޕަގެ ހިނިގަނޑު މައިތިރި ކުރުމަށްފަހު ބުންޏެވެ. ތިޔެއް ނުކެވޭނެއެވެ. ތިޔަކީ މަތިންދާބޯއްޓުން ދޭ " ރިފްރެޝިން ޓަވަލް " އެވެ. އަހަރެން ގަތް ލަދުން އޭތި މޫދަށް އެއްލާލީމެވެ.         

0 comments :

Post a Comment